Monday, November 2
ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ސާބިތުނުހިފޭ ވާހަކަ ނުދެއްކުމަށް އީސީން އިލްތިމާސްކޮށްފި

ސިޔާސީ ޕާޓީތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި ސާބިތުނުހިފޭ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން  އިލްތިމާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި، ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ސިޔާސީ ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ، ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ މުޅިން ޚިލާފު ކަމެއް ކަމަށެވެ.

އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ޙައްޤަކަށް ވީނަމަވެސް، ޒިންމާދާރުކަމާއެކު ޚިޔާލު ފާޅުކުރުމާއި ސިޔާސީ ޙަރަކާތްތައް ހިންގުމަށް އެދިފައެވެ.

މީގެއިތުރުން، ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. އަދި އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަމުން ދުރުހެލިވުމަށާއި، ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު