Monday, November 2
އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ލިބޭ ކުދިންގެ އަދަދު 5,200 އިން މައްޗަށް އަރައިފި
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އިން ފޯރުކޮށްދޭ އެކަނިވެރި މައިންނާއި ބަފައިންގެ މާލީ އެހީގެ ޕްރޮގްރާމުގައި، ނިމިދިޔަ އޮގަސްޓު މަހު އަލަށް 87 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ގުޅުނު މީހުންނާއެކު އިތުރު 179 ކުއްޖަކަށް ވަނީ އެހީ ހަމަޖެހިފައެވެ. މިއާއެކު، އޮގަސްޓު މަހުގެ ނިޔަލަށް މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭ މައިންނާއި ބަފައިންގެ ޖުމްލަ އަދަދު 3،357 އަށް އަރާފައިވާއިރު، އެހީ ލިބޭ ކުދިންގެ އަދަދަކީ 5،206 އެވެ. އޮގަސްޓު މަހު އެކަނިވެސް މި އެލަވަންސަށް ޖުމްލަ 17،469،000 ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެލަވަންސް ދޫކުރާ އުސޫލަށް ގެނެވުނު އިސްލާހާއެކު، ދޭ ފައިސާގެ އަދަދު ވަނީ ބޮޑުވެފައެވެ. އާ އުސޫލުގެ ދަށުން، ކޮންމެ ކުއްޖަކަށް މަހަކު 3،000 ރުފިޔާގެ އެލަވަންސެއް، އެންމެ ގިނަވެގެން 4 ކުދިންނަށް ލިބެއެވެ. ހަތަރު ކުދިންނަށްވުރެ ގިނަވާނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭއިރު، އާއިލާއަކަށް އެންމެ ގިނަވެގެން ލިބޭނީ މަހަކު 15،000 ރުފިޔާއެވެ. މީގެ ކުރިން ދެމުން އައީ ފުރަތަމަ ކުއްޖާއަށް 2،000 ރުފިޔާ އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މަގުން، އާއިލާއަކަށް އެންމެ ގިނަވެގެން 10،000 ރުފިޔާއެވެ.

މި އެހީއަކީ ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ބެލެހެއްޓުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ދޭ އެހީއެކެވެ. މިއީ ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ދަށް އާމްދަނީއެއް ލިބޭ، ކައިވެނިކޮށްގެން ނޫޅޭ މީހުންނަށް ލިބޭ އެހީއެކެވެ. މީގެ އިތުރުން، އެހީ ލިބޭ ކުދިންނަކީ ސްކޫލަށްދާ، ވެކްސިން ފުރިހަމަކޮށްފައިވާ އަދި ނުކުޅެދުންތެރިކަމުގެ އެލަވަންސް ނުލިބޭ ކުދިންނަށް ވާންޖެހެއެވެ. ވަރިވެފައިވާ ފަރާތްތަކަށް އެދެވޭނީ ވަރިވިތާ ތިން މަސް ފަހުން ކަމަށްވާއިރު، ހުވަފަތްވެފައިވާ ފަރާތްތަކަށް އެ މުއްދަތު ހޭދަކުރާކަށް ނުޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު