Monday, November 2
20 އަހަރުވީ އުޅަނދުތައް ދައުލަތަށް ނަގާނީ އަގެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު
އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން، އުފެއްދިފަހުން 20 އަހަރުވެފައިވާ އުޅަނދުތައް ބޭނުންކުރުން މަނާކުރާއިރު، އެފަދަ އުޅަނދުތައް ދައުލަތަށް ނަގާނީ އަގެއް ދިނުމަށްފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މަހުގެ 31 ގައި ތަސްދީގު ކުރެއްވި މި ގާނޫނުގައިވާ ގޮތުން، ގަވާއިދުން އިސްތިސްނާކުރާ ޚާއްޞަ ގިންތީގެ އުޅަނދުތައް ފިޔަވައި އެހެން އެއްގަމު އުޅަނދުތައް ބޭނުންކުރެވޭނީ އުފެއްދި ތާރީޚުން ފެށިގެން ގިނަވެގެން 20 އަހަރުގެ މުއްދަތަށެވެ.

މި ގާނޫނާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ، ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބުރައެއް ނުވާނެފަދަ މެދުމިނުގެ ސިޔާސަތެއްގެ ދަށުން އަމަލުކުރުމަކީ ރައީސްގެ ވިސްނުންފުޅު ކަމަށެވެ. އަދި ދުވަސްވީ އުޅަނދުތައް ދުއްވުން ހުއްޓުވުމުގެ ބާބު ތަންފީޒުކުރަން ފެށުމުގެ ކުރިން ތިން އަހަރުގެ މުއްދަތެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ މުއްދަތު ހަމަވުމަށްފަހު، 20 އަހަރުވީ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. އަދި ސަރުކާރުން ކަނޑައަޅާ ވަކި އިންތިޒާމެއްގެ ތެރެއިން އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަށީގެންވާ އަގެއް ދިނުމަށްފަހު، އުޅަނދުތައް ނެގުމުގެ ޕްރޮގްރާމެއް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށްގެންދާނެއެވެ. މިއާއެކު، އުޅަނދު އަގުކުރާނެ މިންގަނޑުތަކާއި ބަދަލު ދޭނެ އުސޫލުތައް ގަވާއިދުގައި ބަޔާންކުރާނެއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގެ ޖާގައަށް ބަލައި އިސްލާމިކް ޔުނިވަސިޓީ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މި ސަރަހައްދުގައި އެންމެ ގިނަވެގެން ދުއްވޭނެ ކަމަށް ލަފާކުރާ އަދަދަށްވުރެ 30،000 އުޅަނދު އިތުރަށް މިހާރުވެސް ދުއްވަމުންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު