Monday, November 2
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މުޢާމަލާތް ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިންސަންސެއް އޮވެގެންކަން ބޭރު ފައިސާއާބެހޭ ޤާނޫނު އަދި މަނީ ޗޭޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ވަނީ މިކަމަކީ ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން އެ އޮތޯރިޓީގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މިފަދަ މުޢާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ އަދާހަމަ ލިސްޓް ވަނީ އެމްއެމްއޭގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ. މިގޮތުން މިއަދުގެ ނިޔަލަށް ލައިސަންސް ދޫކުރެވިފައިވާ 59 ފަރާތުގެ މަޢުލޫމާތުވެސް އެމްއެމްއޭ އިން ވަނީ އާންމުކޮށްފައެވެ.

އެހެންކަމުން އެމްއެމްއޭ އިން ވަނީ އެއްވެސް ފަރާތަކުން ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތެއް ބޭންކެއް ފިޔަވައި އެހެން ފަރާތަކާއެކު ކުރާނަމަ، އެ މުޢާމަލާތް ކުރެވެނީ ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކުކަން ކަށަވަރުކޮށް، ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެކަން ކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު