ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ "އީފާސް" އަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ކުޑަހުވަދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުޑަހުވަދޫ މަލްޓި ޕާރޕަސް ބިލްޑިންގގެ ލައިބްރަރީ ހޯލްގައި މިއަދު ހެނދުނު 09:00 އިން 12:00 އަށް ވަނީ ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ފ. އަދި ދ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޓެކްނިކަލް މުވައްޒަފުންނާއި، އިންތިޚާބު ކުރެވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ކުޑަހުވަދޫގައި ޤާއިމުކޮށްފައިވާ ސަރުކާރުގެ މުއައްސަސާތަކާއި، އޮންލައިން ޚިދުމަތް ދިނުމަށް އީފާސް ބޭނުންކުރާ ވިޔަފާރިތަކުގެ އިތުރުން އިޖުތިމާޢީ ޖަމްޢިއްޔާތަކުން ވެސް މި ސެޝަންގައި ވަނީ ބައިވެރިވެފައެވެ.
މި މަސައްކަތު ބައްދަލުވުމުގެ އިތުރުން، އާންމުންނަށް ޚާއްޞަކޮށްގެން ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ހުންނަ މެހެމާން ސަރާގައި އީފާސްގެ މޯބައިލް ހެލްޕްޑެސްކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހެލްޕްޑެސްކުގެ ޚިދުމަތް މިއަދު ހަވީރު 4:00 އިން މިރޭ 9:30 އަށް ކުރިއަށްދާނެއެވެ. މި ހެލްޕްޑެސްކު މެދުވެރިކޮށް އީފާސް އެކައުންޓް ލޮކްވުމާއި، ފޯނު ނަންބަރު ނުވަތަ އީމެއިލް ބަދަލުވުން ފަދަ އާންމުކޮށް ދިމާވާ މައްސަލަތައް ވަގުތުން ހައްލުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އީފާސްއަކީ ސަރުކާރުގެ އެކި މުއައްސަސާތަކުން ދޭ ޑިޖިޓަލް ޚިދުމަތްތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކުގެ އިތުރުން އާސަންދަ، ޕެންޝަން، އަދި ބޭންކިންގ ފަދަ މާލީ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބޭނުންކުރާ ޤައުމީ ޑިޖިޓަލް އައިޑީ ނިޒާމެވެ. މިއީ ކޮންމެ މީހެއްގެ ވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާ ގުޅިފައިވާ ރައްކާތެރި ނިޒާމެކެވެ. މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ތައްޔާރުކޮށް ބަލަހައްޓަމުންދާ މި ނިޒާމަކީ ރައްކާތެރިކަން ކަށަވަރުކުރުން ނުހަނު މުހިންމު ނިޒާމަކަށްވާތީ، އެކައުންޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެނީ ވެރިފަރާތް ރަނގަޅަށް ކަށަވަރުކުރުމަށް ފަހުގައެވެ.
ޑީމެޑް ޕްރޮޖެކްޓާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް ގުޅިގެން "އަތޮޅު ދަތުރު"ގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ހިންގާ މި ސިލްސިލާ ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ކާމިޔާބުކަމާއެކު ބާއްވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ހދ. ކުޅުދުއްފުށި ސިޓީގައެވެ. ހދ. އަތޮޅުގެ ސަރުކާރު މުއައްސަސާތަކަށް އަމާޒުކޮށް ކުޅުދުއްފުށީގައި ބޭއްވި އެ މަސައްކަތު ބައްދަލުވުމުގައި 20 މުއައްސަސާއަކުން 44 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން



