ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ 24 ރަށެއްގައި 50 މެގަވޮޓަށް ވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ޤާއިމުކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ "އެސްޕަޔަރ" އަދި "އެރައިޒް" ޕްރޮޖެކްޓްގެ ދަށުންނެވެ. މި ނިޒާމުތައް ރަށްރަށުގައި ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ރާއްޖޭގައި ތިމާވެށްޓާ ރައްޓެހި ގޮތުގައި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމެވެ. މިކަމުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެޔޮ އިމްޕޯޓް ކުރުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަވެގެންދާނެއެވެ. އަދި ހަމައެއާއެކު، ތެޔޮ އަންދައިގެން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ހަކަތައިގެ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ޖުމްލަ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމަށް މި މަޝްރޫޢުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
މި ލިޔުން ކިޔާލުމުން



