Monday, November 2
އެންޑީއެމްއޭގެ މަސައްކަތްތައް ފުޅާކުރަން ހުޅުމާލެއިން ދާއިމީ ބިމެއް ހަވާލުކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ މަސައްކަތްތައް ފުޅާކުރުމަށް ހުޅުމާލެ ފޭސް 2 އިން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައި، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދާއި އެއްގޮތަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ މަގުސަދުގައި އެ އޮތޯރިޓީއަށްހުޅުމާލެ ފޭސް 2 އިން ވަނީ 13,574 އަކަފޫޓުގެ ބޮޑު ބިމެއް ދޫކޮށްފައެވެ. މި ބިމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިލުންތެރި އަދި ދުރާލައި ރޭވުންތެރި ސިޔާސަތުގެ ދަށުން، ގުދުރަތީ އަދި އެނޫންވެސް ތަފާތު ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ހަމަޖައްސަވައިދެއްވި މުހިންމު ބިމެކެވެ.

މި އާ ބިމުގައި އެންޑީއެމްއޭގެ މައި އޮފީސް ގާއިމުކުރުމުގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅުތައް އެޅުމަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ބިނާކުރުމަށް ވަނީ ރެވިފައެވެ. މީގެއިތުރުން، ކާރިސާތަކުގެ ވަގުތުގައި ބޭނުންވާނެ އެކިކަހަލަ ކާބޯތަކެއްޗާއި، އިންސާނީ އެހީގެ ސާމާނު ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިމަރޖެންސީ ވެއާހައުސްއަކާއި، ކުއްލި ހާލަތްތަކުގައި ހާލުގައިޖެހޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ޚާއްސަ ފެސިލިޓީއެއްވެސް މީގެތެރޭގައި ގާއިމުކުރެވިގެންދާނެއެވެ.

މީގެ ސަބަބުން ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު