ކޮމިޝަނަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ފޯރަމްގައި އެއްބަސްވެވުނު ނުކުތާތަކަކީ ދެކުނުގެ އަތޮޅުތަކުގެ އިތުރުން މުޅި ރާއްޖެއަށްވެސް މަސްތުވާތަކެތީގެ މައްސަލައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިދޭނެ ނިންމުންތަކެކެވެ. އަދި މަސްތުވާތަކެތީގެ ވަބާއަކީ ވަކި ރަށަކަށް ނުވަތަ އަތޮޅަކަށް އެކަނި އޮތް ކަމެއް ނޫން ކަމަށާއި، މިއީ މުޅި ދައުލަތާއި މުޖުތަމައު ގުޅިގެން ހައްލުކުރަންޖެހޭ ޤައުމީ ބޮޑު މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކަރުދާހުގައި ލިޔެވޭ އިލްމީ މަޝްވަރާތައް ހަމައެކަނި ވާހަކައެއްގެ ގޮތުގައި ނުބަހައްޓައި، އޭގެ އަމަލީ ނަތީޖާ ރައްޔިތުންނަށް ފެންނާނެ ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ މުހިންމުކަން ސީޕީ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ދީނީ އަދި ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވަމުން، މި ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަމަށް ދެއްވާ އިސްކަމަށާއި ވަސީލަތްތައް ހަމަޖައްސަވައިދެއްވާތީ ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ ފޯރަމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހަރަކާތްތެރިވާ އަމިއްލަ ޖަމުއިއްޔާތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.






