އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ތަހުގީގަށް މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގި ޗިޓާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ޑިސެންބަރު 12 ވަނަ ދުވަހު އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގުން ދައްކާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުންނެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2026 ސެޕްޓެންބަރު 05 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި، އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ، ރައީސް ޔާމީން ދެއްކެވި މި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށް ވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވާ ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ކަމަށެވެ.
މިގޮތުން، 2026 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ އިރުއޮއްސި 18:40 އެހާކަންހާއިރު ފުލުހުން ދޫވެއްސަށް ގޮސް ރައީސް ޔާމީނާ ބައްދަލުކޮށް ޗިޓު ހަވާލުކުރަން އުޅުމުން، އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. އަދި އޭގެ ބަދަލުގައި އެމަނިކުފާނު ދެއްވި ލިޔުމެއްގައި، މި މައްސަލައާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި، ތަހުގީގުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ޚިލާފު، ސާބިތުނުހިފޭ ވާހަކަތައް ދެއްކެވުމުގެ ބަދަލުގައި، ޤާނޫނީ ހަމަތަކުގެ ތެރެއިން ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



