Monday, November 2
ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިފަދަ އޮޅުވާލުންތައް ހިންގަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެންނެވެ. އެގޮތުން Hulhumale Daily Rent Apartment (@hulhumaleapartment) ނަމުގައި ހަދާފައިވާ ޓިކްޓޮކް އެކައުންޓާއި 7217905 ނަންބަރު ބޭނުންކޮށްގެން މިފަދަ ޖަރީމާތައް ހިންގާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރާ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ސީދާ ބައިވެރިވުމެއް މި އަމަލުތަކުގައި ނޯންނަކަންވެސް ފުލުހުން ފާހަގަކުރެއެވެ.

މަކަރާއި ހީލަތް ހަދާ ގޮތް:

  • އޮޅުވާލައިގެން އިޝްތިހާރުކުރުން: އެހެން ތަންތަނުގެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން ނުހައްގު ހެޔޮ އަގުތަކުގައި ކުއްޔަށްދޭ ކަމަށް ބުނެ އިޝްތިހާރުކުރުން.
  • އަވަސްއަރުވާލައިގެން ފައިސާ ހޯދުން: އެހެން ކަސްޓަމަރުން އެބަތިބި ކަމަށް ބުނެ ބުކިންގ ކަށަވަރުކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް މަޖުބޫރުކުރުން.
  • އެޑްވާންސް ފައިސާ އަތުލުން: ވަކި އެކައުންޓްތަކަކަށް 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ފައިސާ ޖަމާކުރުވަން އެދުން.
  • ވަގު ލިޔެކިޔުން ބޭނުންކުރުން: އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ފޮނުވުން.
  • މުއާމަލާތް ހުއްޓާލުން: ފައިސާ ޖަމާކުރި ސްލިޕް ފޮނުވުމާއެކު ވާހަކަދެއްކުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް ފައިސާ އަތުލައިގަތުން.

ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް:

  • ތަން ބަލައި ޔަގީންކުރުން: އަމަލީގޮތުން އެޕާޓްމަންޓަށް ގޮސް ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދައޮތް އެޖެންޓާ ބައްދަލުނުކޮށް ފައިސާ ނުފޮނުވުން.
  • މިލްކުވެރިކަން ކަށަވަރުކުރުން: އެއްބަސްވުން ހެދުމުގެ ކުރިން ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔެކިޔުން ބެލުން.
  • އަވަސްއަރުވާލާ މުއާމަލާތްތަކަށް ސަމާލުވުން: ވަގުތު ކުޑަތަންވެގެން އަވަހަށް ފައިސާ ދައްކަން ބުނާ ބުނުންތަކަށް ފާރަވެރިވުން.
  • އޮންލައިން މުއާމަލާތްތަކަށް ސަމާލުވުން: ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގ އެޕްތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތް ނުހިންގުން.

މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުން ނުވަތަ 7217905 ނަންބަރަށް ފައިސާ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު