ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ހުރިހާ ދިވެހިންނަށް ހިއްސާ ލިބޭ ގޮތަށް ތަރައްގީކުރާ 10 ރިސޯޓު ހަދާނެ ތަންތަން މި ހަފުތާގެ ތެރޭގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުންޏަކުން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނޮވެމްބަރު މަހު ފެށޭނެ ކަމުގެ ފުރިހަމަ އުއްމީދު އެބިއޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ކޮންމެ ދިވެހި ރައްޔިތަކީވެސް ރިސޯޓުތަކުގެ ހިއްސާދާރަކަށް ހަދައި، އެ ރިސޯޓުތައް ހުޅުވުމުން ކޮންމެ މީހެއްގެ އެކައުންޓަށް ސީދާ ޑޮލަރުން ފައިސާ ޖަމާވާނެ ގޮތް ހެދުމެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކޮށް، އޭގެއިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދިނުމަށް ނިންމެވިކަން ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.






