Monday, November 2
ސަރުކާރުގެ ތިން ވުޒާރާއެއް އެނދި މައްސަލައިގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ބަލަން ފަށައިފި

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަނދައި އަޅިއަށްވި ހާދިސާއާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި އަދި ފުލުހުންނަށް ކުރެއްވި ތުހުމަތު ތަޙުޤީޤު ކުރުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަންގަވައިފިއެވެ.

ވަޒީރު ޢަލީ އިޙްސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އިމާރާތްތަކުގައި އަލިފާން ރޯވި މައްސަލަ ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަޙުޤީޤުކުރާ މާހިރުން ގުޅިގެން ކުރި ތަޙުޤީޤަށް ހޯދިފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ނަރުތަކެއްގައި ރޯވެގެން ކަމަށާއި، މި މައްސަލައިގައި އެއްވެސް ފަރާތަކަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް، 5 ސެޕްޓެންބަރު 2026 ގައި ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަމުން، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ކަމަށާއި އަދި އެކަން ކުރި މީހަކީ ކާކުކަން ވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަޤުކޮށް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ވަޒީރު އިޙްސާން ވިދާޅުވީ، ރައީސް ޔާމީންގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވި މަޢުލޫމާތުތައް އެމަނިކުފާނުގެ ފަރާތްޕުޅުން ސާފުކޮށް، ތަޙުޤީޤުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތެރެއިން ދިވެހި ފުލުހުންގެ މައްޗަށް ރައީސް ޔާމީން ކުރެއްވި ތުހުމަތުތަކުގެ ހަޤީޤަތް ބަލައި، އެކަން ތަޙުޤީޤުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅުއްވާފައިވާ ކަމަށް ވަޒީރު ޢަލީ އިޙްސާން ވަނީ ހާމަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު