Monday, November 2
ރާއްޖެއާއި އައި.ޓީ.އެފް.ސީ އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ އައު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ބޭއްވި ރަސްމިއްޔާތެއްގައި، 2026 އިން 2031 އަށް ހަމަޖެހުނު މި ފަސް އަހަރުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރ ހަސަން ޒަރީރެވެ. އަދި އައި.ޓީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އެ އިދާރާގެ ސީ.އީ.އޯ އިންޖިނިއަރ އަދީބު ޔޫސުފް އަލް-އާމާއެވެ.

މި ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށްވެސް މި ޓްރޭޑް ފެސިލިޓީގެ ދަށުން ބޭންކުތައް މެދުވެރިކޮށް ފުރުސަތުތައް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޒަރީރު ވިދާޅުވީ، 2017 އިން ފެށިގެން އެސް.ޓީ.އޯ އަށް ދެމުންދާ މިފަދަ އެހީތަކުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި އެތެރެކުރުމަށް މަގުފަހިވެފައިވާ ކަމަށެވެ. އަދި އައި.ޓީ.އެފް.ސީގެ ސީ.އީ.އޯ އަދީބު އަލް-އާމާ ވަނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ވިދާޅުވެފައެވެ.

އައި.ޓީ.އެފް.ސީ އިން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖެއަށް ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އަދީބު އަލް-އާމާގެ މި ދަތުރުފުޅުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު