Monday, November 2
ފޯނު ކޯލްތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓްކުރުމުގައި ޤާނޫނާއި ގަވާއިދަށް ރިޢާޔަތްކުރުމަށް އިލްތިމާސްކޮށްފި

މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި އެހެނިހެން މުޢާމަލާތްތައް ބްރޯޑްކާސްޓްކުރުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކާއި ސުލޫކީ އަދި ފަންނީ ހަމަތަކަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމުގައި ކަނޑައަޅައި، އެ ޙައްޤުތަކުގެ ރައްކާތެރިކަން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެންމެހައި ފަރާތްތަކުން އެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 38، 39، 40 އަދި 41 ވަނަ މާއްދާގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކުގެ ޤާނޫނީ އޮނިގަނޑު ތަފްޞީލުކޮށް ބަޔާންކޮށްފައިވާކަން އެމްއެމްބީސީން ހަނދާންކޮށްދީފައިވެއެވެ. ޚާއްޞަކޮށް، އެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ޅ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ޙުރުމަތް ރައްކާތެރިކުރުން ލާޒިމްކޮށްފައިވާއިރު، އެ މާއްދާގެ (ބ) ގައި އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމުކުރުމަށް ވަނީ ބާރުއަޅާފައެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ބުނީ، މަޢުލޫމާތު ހޯދުމާއި ދިނުމުގައި ޢާންމު މަޞްލަޙަތު އިސްކުރުމަށާއި، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ އިތުރުން ޒާތީ މަޢުލޫމާތާއި މަސްދަރުތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ މީޑިއާތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ. އަދި އިންޓަވިއުތަކާއި ރެކޯޑިންގތައް ބޭނުންކުރުމުގައި ފަންނީ މިންގަނޑުތަކާއި ޒިންމާތަކަށް ސަމާލުވާންޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ލައިވް ޕްރޮގްރާމްތަކުގައި ފޯނު މުޢާމަލާތެއް ވަގުތުން ބްރޯޑްކާސްޓްކުރަން (ލައިވްކުރަން) ގަސްދުކުރާނަމަ، އެއީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މުޢާމަލާތެއް ބްރޯޑްކާސްޓްކުރުމަށް އެ ފަރާތުގެ އެއްވެސް އިޢުތިރާޟެއް ނެތްކަން ކަށަވަރުކުރުމާއެކު، ހުތުރު ބަސްމަގުން ދުރުހެލިވެ، އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށާއި، އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު