ރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން، ރާއްޖޭގެ 168 ރަށެއްގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްޞަ ސައިޓް ވިޒިޓް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތްތައް ޚާއްޞަކޮށްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށެވެ.
މި ސައިޓް ވިޒިޓްތަކުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން އިންޖިނޭރިން ދާއިރާއަށް އަހުލުވެރިކޮށް، އެ ދާއިރާއާ ގުޅުވައިދިނުމެވެ. އަދި ހަމައެހެންމެ، ސައިންސާއި، ޓެކްނޮލޮޖީ، އިންޖިނޭރިން އަދި މެތެމެޓިކްސް (ސްޓެމް) ގެ ދާއިރާތަކުން ކުރިއަށްދިއުމަށް ދަރިވަރުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެކެވެ.
މި ޕްރޮގްރާމްގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށާއި އެ ކުންފުނީގެ އެކި ފެސިލިޓީތަކަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އެމްޓީސީސީން އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސައިޓުތަކަށް ވެސް ދަރިވަރުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އިންޖިނޭރިން މަސައްކަތްތައް ޢަމަލީ ގޮތުން ހިނގާ ގޮތް ދަސްކޮށްދީ، ދަރިވަރުންނަށް މަޢުލޫމާތު ސާފުކުރުމާއި ސުވާލުކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި ފަހިކޮށްދީފައިވެއެވެ.
މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ސެޝަންތައް ކުރިއަށްގެންދިޔައީ ހެނދުނާއި ހަވީރުގެ ވަގުތުތަކަށް ބަހާލައިގެންނެވެ. އެގޮތުން މާލެ ސަރަޙައްދުގެ ދަރިވަރުން ވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ ސައިޓަށް ޒިޔާރަތްކޮށް، ބޮޑެތި އުމްރާނީ މަސައްކަތްތަކާ ގުޅޭ މުހިންމު ތަޖުރިބާތަކެއް ހޯދާފައެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 30 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ސައިޓް ވިޒިޓްތަކުގެ އިތުރުން އެހެނިހެން ގިނަ ހަރަކާތްތަކެއް ވެސް ވަނީ ރާވާފައެވެ. އެގޮތުން އޮގަސްޓް 29 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާއިރު، މި މުނާސަބަތާ ގުޅިގެން ބާއްވާ ޚާއްޞަ "އިންޖިނިއާސް އެވޯޑް ނައިޓް" ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން



