Thursday, November 5
އިތުރު 10 ރަށެއްގައި ނާސަރީ އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ބުރުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން އިއްޔެ ސޮއިކޮށްފައިވަނީ 10 ރަށެއްގެ ކައުންސިލާއެކުގައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށްޓަކައި ގަސް އިންދުމުގެ ޤައުމީ ހަރަކާތެއް ހިންގުމެވެ.

މި މަޝްރޫޢުގެ ދެވަނަ ބުރުގެ ދަށުން މިއަދު ނާސަރީ ބިނާކުރުމަށް ސޮއިކުރެވުނު 10 ރަށަކީ ހދ. ނޮޅިވަރަމާއި، ކ. ހިންމަފުށްޓާއި، އދ. ދިއްދޫއާއި، ފ. ދަރަނބޫދޫއާއި، ދ. މީދޫއާއި، ލ. ހިތަދޫ އާއި، ލ. ފޮނަދޫ އާއި ގދ. ވާދޫގެ އިތުރުން ޏ. ފުވައްމުލައް ސިޓީ އަދި ސ. މީދޫ އެވެ.

މި ނާސަރީތައް ޤާއިމުކުރުމުން، އެކި ބާވަތްތަކުގެ ގަސްގަހާގެހި އާލާކުރުމަށާއި، ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިފަދަ ނާސަރީތައް ހިންގުމަކީ، ލާމަރުކަޒީ އުޞޫލުން މި މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މުޅި ރާއްޖޭގައި ޖުމްލަ 20 ނާސަރީ ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މިއަދު ސޮއިކުރެވުނު 10 ރަށާއެކު މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ޢަމަލީ ގޮތުން ފެށިފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ރިޔާސީ ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ލަނޑުދަނޑި ހާސިލުކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު