ރާއްޖޭގެ ފަސް ރަށެއްގައި އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫ، ގދ. މަޑަވެލި، ފ. ދަރަނބޫދޫ، ކ. ގާފަރު އަދި ކ. މާފުށީގައެވެ.
މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު:
1. ށ. ފުނަދޫ:
ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 26.55 ހެކްޓަރުގެ ބިން ހިއްކުމާއި، 3284 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް އަދި 50 މީޓަރުގެ ޖިއޯ ބޭގް ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
2. ގދ. މަޑަވެލި:
މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، ދޯނި އެހެލާ ސަރަހައްދެއް ހެދުމާއި، 253 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 537 މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓާ ރިވެޓްމަންޓް އަދި 535 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 367 މީޓަރުގެ އެއްގަމުތޮށި މަރާމާތުކުރުމާއި، 383 މީޓަރުގެ އައު އެއްގަމުތޮށި ލުމާއި، 11 މީޓަރުގެ ރޭމްޕެއް، 150 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް، 20 މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ އިތުރުން ނެރު ބައްތި، މަގުބައްތި އަދި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
3. ފ. ދަރަނބޫދޫ:
ދަރަނބޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، މި މަސައްކަތުގެ ތެރޭގައި 6 ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 635 މީޓަރުގެ ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓާ އަދި 65 މީޓަރުގެ 4 ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓާ ޤާއިމުކުރުން ހިމެނެއެވެ.
4. ކ. ގާފަރު:
ގާފަރު ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، 420 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 17 މީޓަރުގެ ބޮޑުހިލައިގެ ސަބްމާރޖްޑް ބޭރުތޮށި ލުމާއި، މިހާރުގެ އެއްގަމުތޮށިން 468 މީޓަރުގެ ސަރަހައްދެއް މަރާމާތު ކުރުމުގެ އިތުރުން 220 މީޓަރު ދިގު، 4 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
5. ކ. މާފުށި:
މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 162 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ އަދި 356 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.



