ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެނަކަށް، ބޮލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޯގަސްޓް 31 ވީ ހޯމަ ދުވަހުގެ ހެނދުނު 07:36 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ދުވަހުގެ ހެނދުނު 07:44 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ފިރިހެން މީހާގެ އިތުރުން، ސައިކަލުގެ ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެކްސިޑެންޓް ހިނގި ވަގުތު މި ދެ މީހުންނަށްވެސް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސައިކަލު ދުއްވަން އިން 62 އަހަރުގެ މީހާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވާތީ، 2026 އޯގަސްޓް 31 ވަނަ ދުވަހު އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އަދި އޭނާގެ ހާލު ސީރިއަސްވުމާ ގުޅިގެން، މިހާރު އިތުރު ފަރުވާއަށް ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



