Thursday, November 5
މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަޤީންކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

މީގެ ދެ ދުވަސް ކުރިން ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަކުއްޖަކާއި، މިއަދު އުސް އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވީ މި ހިތާމަވެރި ދެ ހާދިސާގެ ޚަބަރުން މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ފުން ހިތާމައެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަޢުޞޫމް ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އެ ދެ މަރްޙޫމުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ފާގަތިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

މީގެއިތުރުން، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމަޢު ގުޅިގެން ކުރަންޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނީ އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ ފަރާތްތައް ދިރިއުޅޭ ގެތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ވަރަށް ޒިންމާދާރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތައް އަދި އެންމެހައި ފަރުދުން ގުޅިގެން، ޚާއްޞަ އިސްކަމެއް ދީގެން މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަޤީންކުރުމަށާއި، ރަނގަޅަށް އިންތިޒާމުކުރެވިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި މުޖްތަމަޢަށާއި އެންމެހައި ޢާއިލާތަކަށް ސަލާމަތާއި އަމާންކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު