ހއ. މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުންނެވެ. ގާތްގަނޑަކަށް 44 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން އައު ބަނދަރަށް 45،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، މެއިންޓެނަންސް ޑްރެޖިންގގެ ގޮތުގައި 9،248 ކިއުބިކް މީޓަރު ފުންކުރުމާއި، 1،657 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ.
މީގެ އިތުރުން 215 މީޓަރުގެ އައު އެއްގަމު ތޮށި ލުމާއި، 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2،291 އަކަމީޓަރުގެ ޕޭވްމަންޓް ހެދުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ މާރަންދޫގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އިތުރުން، ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް މާރަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫޢުގެ ދަށުން 2.28 ހެކްޓަރުގެ ބިންގަނޑެއް ހިއްކައި، ރިވެޓްމަންޓާއި ބްރޭކްވޯޓާ ޤާއިމުކުރުން ހިމެނެއެވެ.
އަދި މާރަންދޫގައި ފުލުހުންގެ ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.






