އާދިއްތަ, October 18
ރައީސް މުޢިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަންނަވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރަމާނަ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މި މަހުގެ 20 އިން 22 އަށް ކަމަށެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅު ކުރައްވަނީ 26 ޖުލައި 1966 ގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ބޮޑުވަޒީރު ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.

އެ މަޝްވަރާތަކަށް ފަހު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިންމު ފަހުމުނާމާތަކެއްގައި (އެމް.އޯ.ޔޫ) ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސްގެ މި ދަތުރުފުޅަށް ޕާކިސްތާނުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހިރާއްޖެ އިސްކުރުމުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، އަވަށްޓެރި ޤައުމުތަކާއެކު ގާތް ގުޅުމެއް ބޭއްވުމަށާއި، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދޭދޭ ގުޅުންތައް ބަދަހިކުރުމަށް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު