Thursday, November 5
ފުވައްމުލަކުގައި ކާރެއްގައި ޖައްސައި އެކްސިޑެންޓުކުރި މީހާ 15 ދުވަހަށް ބަންދުކޮށްފި

ފުވައްމުލަކުގައި ކާރެއް ގަދަކަމުން އަތުލައިގެން ދުއްވައި، ސައިކަލެއްގައްޔާއި އެހެން ކާރެއްގައި ޖައްސައި އެކްސިޑެންޓްކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، އަންދާޒު، އަޙްމަދު ޢައުނުﷲ (35އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައާއި ރުކެއްގައި ޖައްސާފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ނަމަވެސް އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި ޢައުނުﷲ ހުރީ މަސްތުގެ ހާލަތުގައެވެ. އަދި އޭނާ މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ދުއްވައިގެން ކަމަށް ވެސް ތަހުގީގަށް ވަނީ ހާމަވެފައެވެ.

މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު