Friday, October 16
އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް މޮބައިލް އެޕެއް ތަޢާރަފްކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެސްއެމްއީ ޑިޖިޓަލް އިން ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

މިއަދު ތަޢާރަފްކުރި މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ކަސްޓަމަރުންނަށް ލުއިފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް ގިނަގުނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި:

  • އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތަކަށް އެދި ހުށަހެޅުން
  • ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަގުތުން ބަލައިލެވުން
  • ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރުން
  • ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކުން
  • ވަގުތުން ނޮޓިފިކޭޝަންތަކާއި މުހިންމު އަޕްޑޭޓްތައް ލިބުން
  • އެސްއެމްއީ ޑިޖިޓަލްއާ ސީދާ މުޢާމަލާތްކުރެވުން

މި އެޕްލިކޭޝަން އިފްތިތާޙު ކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ޚިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ޙައްލުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި މި މޮބައިލް އެޕް ތަޢާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށާއި، މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް ކުރާ ދަތުރުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުރިއަށް އޮތްތަނުގައި އިތުރު އާ ފީޗާތައް މި އެޕަށް އިތުރުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލް އިން މަޢުލޫމާތު ދޭގޮތުގައި، މުސްތަޤުބަލުގައި މި އެޕް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކޭނެ ފަދަ މާކެޓް ޕްލޭސެއް ތަޢާރަފުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެއެވެ. މި އެޕް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. އަދި ކަސްޓަމަރުންގެ އެކައުންޓަށް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން ކަސްޓަމަރުންނަށް އަންގަމުން ގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު