ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރުގެ އިންޖިނިއަރިން ލެބޯރަޓަރީއެއް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ އިންޖިނިއަރިން ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ޒުވާނުންނަށް ހިތްވަރު ދެއްވާފައެވެ.
އިންޖިނިއަރިންގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރާ ދިވެހިންގެ އަދަދު އިތުރުވުމަކީ ނުހަނު އެދިވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި މި ދާއިރާއިން އަމަލީ ގޮތުން ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ޚާއްސަ އިމާރާތެއް ބިނާކުރުމަށް ސަރުކާރުން ވަނީ ރާވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''މި އިމާރާތުގައި ސިވިލް އިންޖިނިއަރިންއާ މެކޭނިކަލް އިލެކްޓްރިކަލް އިލެކްޓްރޯނިކްސް ސޮފްޓްވެއާ އިންޖިނިއަރިން, އެއާކްރާފްޓް އަދި އެރޯނޮޓިކަލް އިންޖިނިއަރިން, ދެން ރޮބޮޓިކް އޭއައި އިންޖިނިއަރިން މިހެން ގޮސް އެކި އެކި އިންޖިނިއަރިން ދާއިރާއިން އެކި ކަހަލަ އެކްސްޕެރިމެންޓުތައް ހަދައި އެކި ކަހަލަ ރިސާޗްތައް ހަދައި މިދާއިރާއިން ކުރިއަށް ދިޔުމަށް އަދި މިދާއިރާއިން ކިޔެވުމަށް ބޭނުންވާ ހުރިހާ ކުދިންނަށް އަދި ރާއްޖެއިން ބޭރުންވެސް ރާއްޖެ އައިސް ތަހުލީލު ކުރުމުގެ ފުރުސަތު ލިބޭ ފެންވަރުގެ އިމާރާތެއް ގާއިމްކުރަން ސަރުކާރުން އަޅުގަނޑު ގަސްތުކުރަން"، ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މުހިންމު މަޝްރޫއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެއްވާނެއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން، ދެމެހެއްޓެނިވި އުސޫލުތަކުގެ މަތިން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ޒަމާނީ ވަސީލަތްތަކެއް ގާއިމްކުރެވިގެން ދިއުމަކީ ރާއްޖޭގައި ތަފާތު އިންޖިނިއަރިންގެ ދާއިރާތަކުން ތައުލީމު ހާސިލުކުރަން ބޭނުންވާ ޒުވާނުންގެ އަދަދު އިތުރުވެގެންދާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން އިންޖިނިއަރިންގެ އެކި ރޮނގުތަކުން ރާއްޖެ އައު ހަރުފަތަކަށް ވާސިލުވެ، ގައުމުގެ ތަރައްގީގެ މަތީ ދަރަޖައަކަށް ވާސިލުވުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



