Thursday, November 5
ސިނަމާލެ ބުރިޖަށް 8 އަހަރު: ރާއްޖެ-ޗައިނާގެ ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ގުޅުވައިދިން "ސިނަމާލެ ބުރިޖު" ރަސްމީކޮށް ހުޅުވިތާ 8 އަހަރު ފުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި މުނާސަބަތާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މީގެ އަށް އަހަރު ކުރިން ހުޅުވުނު ޗައިނާ–މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙްމަތްތެރިކަމުގެ ވަރުގަދަ ރަމްޒެއް ކަމަށެވެ. އަދި މި ބުރިޖަކީ ހަމައެކަނި ޢުމްރާނީ ބޮޑު ބިނާއެއް ނޫންކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ޤައުމުގެ އެއްގޮތް އުންމީދުތައް ރަމްޒުކޮށްދޭ ދިރިހުރި ހެއްކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސްގެ މެސެޖުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޙިކުމަތްތެރި ލީޑަރޝިޕަށް ތަޢުރީފު ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ދެ ޤައުމުގެ ގުޅުން ދުވަހުން ދުވަހަށް ބަދަހިވެ، ފުޅާވަމުންދާ ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން އައު ފުރުޞަތުތަކެއް ފަހިވެ، ގުޅިފައިވާ އުޖާލާ މުސްތަޤުބަލަކަށް މަގުފަހިވަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން، ސިނަމާލެ ބުރިޖަށް 8 އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމުގެ ގުޅުން ދަމަހައްޓައި، ކުރިމަގުގައިވެސް ޗައިނާއާއެކު އޮންނަ ގުޅުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް ދިވެހި ސަރުކާރުން އަބަދުވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު