Thursday, November 5
ފުވައްމުލަކުގައި ކާރެއް ސައިކަލަކާއި އެހެން ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުވައްމުލަކު ސިޓީގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ސައިކަލެއްގައާއި އެހެން ކާރެއްގެ އިތުރުން ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރަކުން ފުރަތަމަ ޖެއްސީ ސައިކަލެއްގައެވެ. އަދި އެކްސިޑެންޓްވުމަށްފަހު ވެސް މަޑުނުކޮށް ގޮސް، އެ މަގުން ދަތުރުކުރި އެހެން ކާރެއްގައާއި ރުކެއްގައި ޖައްސައި އެކްސިޑެންޓްކޮށްފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި، ސައިކަލުގެ ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެ ދެ މީހުންނަށް ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައެވެ. އަދި އޭނާ މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ އަސްލު ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރު ދިނުމަށްފަހު، ގަދަކަމުން ކާރު ފޭރިގަނެގެން ދުއްވާފައި ގޮސް ކަމަށް ވެސް ތަހުގީގަށް ވަނީ ހާމަވެފައެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ދެ ކާރަށާއި ސައިކަލަށް އެކި ވަރުގެ ގެއްލުންތަކެއް ލިބިފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު