މި ހަފުތާގެ ކުރީކޮޅު ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، ޗައިނާ-ނޭޕާލް ބޯޑަރު ކައިރީގައި ގްލޭޝިއާ ކަނޑައިގެން ގޮސް އުފެދުނު ފެންގަނޑު ފަޅައިގެން ދިއުމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހޮނިހިރު ދުވަހު ހާމަކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެ ފެންގަނޑުގެ ސައިޒު މިހާރު ދަނީ މަޑުމަޑުން ކުޑަވަމުންނެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކާ ހަވާލާދީ، ޗައިނާގެ ވޯޓާ ރިސޯސަސް މިނިސްޓްރީން ބުނެފައިވަނީ ޕުރެޕޫ ސަންގްޕޯ ކޯރުގައި އުފެދިފައިވާ ފެންގަނޑުގެ ބޮޑުމިން މިހާރު 99،000 އަކަމީޓަރަށް ކުޑަވެފައިވާ ކަމަށެވެ. މިއީ ކުރީގެ އަދަދާ އަޅާބަލާއިރު 21،000 އަކަމީޓަރުގެ ކުޑަވުމެކެވެ.
ނަމަވެސް، ގްލޭޝިއާ ކަނޑައިގެން ދިޔަ ސަރަހައްދުގެ އެންމެ އަޑީގައި 120،000 އަކަމީޓަރަށް ވުރެ ބޮޑު އިތުރު ފެންގަނޑެއް އޮތުމުގެ ސަބަބުން، ދެ ފެންގަނޑު އެއްކޮށް ހުސްވަންދެން ނުރައްކާ އޮންނާނެ ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.
ބުދަ ދުވަހު ހިނގި ހާދިސާގައި ޗައިނާގެ ޓިބެޓާއި ނޭޕާލް ގުޅުވައިދޭ ބޯޑަރު ޕޯޓް ކޮމްޕްލެކްސް އެއްކޮށް ދޮވެވިފައިވާއިރު، ޗައިނާއިން މަރުވި މީހުންގެ އަދަދު ހަތަކަށް އަރައި، 554 މީހުން ވަނީ ގެއްލިފައެވެ.
އެ ސަރަހައްދުގައި ތިބި ގާތްގަނޑަކަށް 500 އެއްހާ އަވަށު މީހުންނާއި މަސައްކަތްތެރިން އަދި 555 ފަތުރުވެރިން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
މަގުތަކާއި މުވާސަލާތީ ޚިދުމަތްތައް މެދުކެނޑިފައިވީ ނަމަވެސް، 50 އަށް ވުރެ ގިނަ ރެސްކިއު ވޯކަރުންނާއި ޑްރޯން އަދި ސެޓެލައިޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ.



