Thursday, November 5
ތިލަފުށީ ބަނދަރުގެ ޢިމާރާތްތަކާއި ވަޞީލަތްތައް ޑިޒައިންކޮށް އަޅައިދޭނެ ބަޔަކު ހޯދަނީ

ކ. ތިލަފުށީގައި ތަރައްޤީކުރާ އައު ވިޔަފާރި ބަނދަރުގެ ޢިމާރާތްތަކާއި އެކި ޚިދުމަތްތަކަށް ބޭނުންވާ ވަޞީލަތްތައް ޑިޒައިންކޮށް، ޢިމާރާތްކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަކީ ތިލަފުށީގައި ޒަމާނީ ފެންވަރުގެ އިންޓަގްރޭޓެޑް ޕޯޓް ސަރަޙައްދެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޑީޕް ވޯޓަރ ކޮންޓޭނަރ ޓާމިނަލް، މަލްޓި-ޕާޕަސް ކާގޯ ޓާމިނަލް، ޑޮމެސްޓިކް ކާގޯ ޓާމިނަލް، އަތޮޅުތަކަށް ޚާއްޞަ ވެއާހައުސިންގ ޒޯން، ލޮޖިސްޓިކްސް އަދި ބޮންޑެޑް ވަޞީލަތްތަކުގެ އިތުރުން ޔުޓިލިޓީ އަދި ބަނދަރުގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އީއޯއައިގެ މައިގަނޑު ބޭނުމަކީ ތިލަފުށީ ބަނދަރުގެ އިދާރީ، އޮޕަރޭޝަނަލް، ކާގޯ ހޭންޑްލިންގ، ވެއާހައުސިންގ އަދި ސަލާމަތީ ކަންކަމާ ގުޅޭ އެކިއެކި ޢިމާރާތްތައް ފަރުމާކޮށް ބިނާކުރުމުގެ ފަންނީ، މާލީ އަދި ތަޖުރިބާހުރި ޤާބިލު ކޮންޓްރެކްޓަރުން ދެނެގަނެ، ޕްރޮކިއުމަންޓުގެ ދެވަނަ މަރުޙަލާއަށް ޝޯޓްލިސްޓް ކުރުމެވެ. މި މަސައްކަތުގެ ދަށުން އާކިޓެކްޗަރަލް، ސްޓްރަކްޗަރަލް، ސިވިލް، މެކޭނިކަލް، އިލެކްޓްރިކަލް، ޕްލަމްބިންގ އަދި އަލިފާނުގެ ރައްކާތެރިކަމުގެ ނިޒާމުތައް ފަދަ އެންމެހައި މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ހުންނަންވާނެއެވެ.

މި ފުރުޞަތު ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗަރ (ޖޭވީ) ނުވަތަ ކޮންސޯޝިއަމްތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. ކުރިމަތިލާ ފަރާތްތަކަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މިފަދަ ބޮޑެތި ޢިމާރާތްތަކާއި، އިންޑަސްޓްރިއަލް ފެސިލިޓީތައް ނުވަތަ ބަނދަރުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި އީއޯއައި ހުށަހަޅާއިރު ކުންފުނީގެ ޕްރޮފައިލް، އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް އަދި ފާއިތުވި މަސައްކަތްތަކުގެ ތަފްޞީލު ހިމަނަންވާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން އީއޯއައި ލިޔުންތައް އެއް ޕީޑީއެފް ފައިލެއްގެ ގޮތުގައި tender@port.mv އަށް އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހޭނެއެވެ. އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 ސެޕްޓެމްބަރ 2026 ވާ ދުވަހުގެ 14:00 އެވެ. އަދި މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ތާރީޚުގެ ކުރިން އެ އީމެއިލް އެޑްރެހަށް ސުވާލުތައް ފޮނުވުމަށް އެމްޕީއެލް އިން އެދިފައިވެއެވެ.

އެމްޕީއެލް އިން ވިދާޅުވި ގޮތުގައި، މި މަރުޙަލާއިން ޝޯޓްލިސްޓްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ފަހުން އަރުވާނެއެވެ. އަދި ކޮންޓްރެކްޓްގެ ފަހުގެ ތަފްޞީލުތަކާއި ޝަރުޠުތައް ކަނޑައެޅިގެންދާނީ އެ މަރުޙަލާގައި ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު