އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި އަލުން ވާހަކަތައް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ ބުރާސްފަތި ދުވަހު ތެހެރާނަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޝައިޚް މުޙައްމަދުގެ މި ޒިޔާރަތް ހަމަޖެހިފައި މިވަނީ، ޑިޕްލޮމެޓިކް ގޮތުން އެއްވެސް ކުރިއެރުމެއް ނުލިބި، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަ މަސް ފުރެން ކައިރިވެފައިވާ ދަނޑިވަޅެއްގައެވެ.
ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ތެހެރާނަށް ވަޑައިގެން އީރާނުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ނުތަނަވަސްކަން ކުޑަކުރުމަށާއި ވާހަކަތައް ދެއްކުމަށް އެކަށޭނަ މާޙައުލެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ގަތަރުގެ ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ. އަދި އީރާނުން ވެސް ވަނީ މި ޒިޔާރަތް ކަށަވަރުކޮށްދީ، ގަތަރުގެ މެދުވެރިވުމުގެ މަސައްކަތްތަކާ މެދު ވާހަކަދެކެވޭނެ ކަމަށް ބުނެފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގަތަރުގެ އެހީގައި މީގެ ކުރިން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް އެ އެއްބަސްވުން ވަނީ ރޫޅިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާތަކަށް އަވަސްއަރުވާލުމެއް ނެތް ކަމަށް ވިދާޅުވަމުން ގެންދަވާއިރު، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް އީރާނުން ވަނީ އދ. އަށް ސިޓީއެއް ފޮނުވާފައެވެ.
ދުނިޔޭގެ ތެލާއި އެލް.އެން.ޖީ ޝިޕްމަންޓްތަކުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ދެފަރާތުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، އެ ސަރަހައްދުން ތެޔޮ ދަތުރުކުރާ މިންވަރު ވަނީ ދުވާލަކު 5 މިލިއަން ފީފާއަށް ދަށްވެފައެވެ. އަދި ގަތަރުގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި އެ ކަނޑުއޮޅި ކުރިން އޮތް ހާލަތަށް ރުޖޫޢަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމަށް ގަތަރުގެ ޚާރިޖިއްޔާއިން ބުނެއެވެ.
ގަތަރުގެ އިތުރުން އޮމާނާއި ޕާކިސްތާނުގެ އިސްވެރިން ވެސް ތެހެރާނަށް ޒިޔާރަތްކުރައްވަމުން ގެންދަވާއިރު، ސަރަޙައްދުގެ ޤައުމުތަކުން މިފަދަ ހަލުވި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ފަށާފައިވަނީ ހާލަތު އިތުރަށް ގޯސްވެ ފުރިހަމަ ހަނގުރާމައަކަށް ބަދަލުވެއްޖެނަމަ، މުޅި ސަރަޙައްދަށާއި ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ލިޔުން ކިޔާލުމުން



