ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނި ނަމަވެސް، އިސްރާއީލުން ސީރިޔާއާއި ލުބުނާނަށް ދެމުންދާ ހަމަލާތަކާއި އެއްގަމު މަގުން އަރައިގަތުން ދަނީ ކުރިއަށެވެ. މި ހަމަލާތައް ހުއްޓުވުމުގައި އެމެރިކާގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދިފައިވާއިރު، އިސްރާއީލު ސިފައިން ދަނީ ސީރިޔާގެ ދެކުނަށް ބަޑީގެ ހަމަލާތައް އަދި ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.
ބުދަ ދުވަހުގެ ރޭ ދަންވަރު އިސްރާއީލު ސިފައިން ވަނީ ދިމިޝްޤުގެ ހުޅަނގު ރަށްފުށުގެ ބައިތު ޖިން ކައިރީގައިވާ ބަތު އަލް-ވަރްދާ ފަރުބަދައަށް ބަޑީގެ ހަމަލާތައް ދީފައެވެ. މީގެ އިތުރުން ޤުނައިތިރާގެ ތަރަންޖާ އަވަށުގެ ގެއަކަށް ވަދެ ފާސްކޮށްފައިވާއިރު، ހޮނިހިރު ދުވަހު ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށާއި މިދިޔަ އަހަރުގެ އެއްގަމު ހަމަލާތަކުގައި 13 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާތައް އަމާޒުވެފައި މިވަނީ އިސްރާއީލުގެ އޮޕަރޭޝަންތައް ހުއްޓުވުމަށް އެމެރިކާ މެދުވެރިވެގެން ޖޯޑަންގައި ސީރިޔާގެ ޚާރިޖީ ވަޒީރާއި އިސްރާއީލުގެ އިންޓެލިޖެންސް އޮފިޝަލުން ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. މި ހަމަނުޖެހުންތަކަކީ އޮކްޓޯބަރު މަހުގެ އިންތިޚާބާ ދިމާކޮށް ކަނާތުފިޔައިގެ ވޯޓު ހޯދުމަށް ނަތަންޔާހޫ ކުރައްވާ މަސައްކަތެއް ކަމަށް އެނަލިސްޓް މަރުވާން ކަބަލާން ވިދާޅުވިއެވެ.
އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ ޞޫރު ޑިސްޓްރިކްޓްގެ އަލް-މަންޞޫރީ އަދި ބިންތު ޖުބައިލްގެ ޞަރްބީން އަވަށަށް ވައިގެ ހަމަލާތައް ދީ، ވާދީ ޒިބްޤީންއަށް ބަޑީގެ ހަމަލާތައް އަމާޒުކޮށްފައެވެ. މީގެ އިތުރުން ދެކުނުގެ އެކި ސަރަޙައްދުތަކުގައިވާ މުދާތައް ތަޅާލައި، ބާރުގަދަ ގޮވުންތައް ގޮއްވުމުގެ އިތުރުން ބެއިރޫތުގެ މަތިން ތިރިން ޑްރޯންތައް އުދުއްސާފައިވެއެވެ.
މާރިޗު 2 އިން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ލުބުނާނުން 4،350 މީހުން މަރުވެ 12،310 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އިސްރާއީލުން އެތައް ހާސް ފަހަރަކު އެއްބަސްވުމާ ޚިލާފުވެފައިވާއިރުވެސް އެމެރިކާއިން ފިޔަވަޅު އަޅާފައި ނުވާ ކަމަށާއި އިސްރާއީލު ހުއްޓުވުމަކީ ވޮޝިންގޓަންގެ ޒިންމާއެއް ކަމަށް މުހައްލިލު ޚަލްދޫން އަލް-ޝަރީފް ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން



