އެމެރިކާއިން އަލަށް އެކަށައެޅި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް، އެތެރޭގެ ގާބިލުކަމާއެކު އިގުތިސާދު ހިފަހައްޓައިލެވޭނެ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ކުރިއަށް އޮތީ ދަތި އަހަރެއް ކަމަށް އީރާނު ސަރުކާރުން އިންޒާރު ދީފައިވާއިރު، އެމެރިކާގެ މަސައްކަތްތަކާ ދެކޮޅަށް އެ ގައުމުގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް އީރާނުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކަށް ކުރިމަތިލުމަށް ދެ އަހަރުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި، ލިބިފައިވާ ތަޖުރިބާއާއި އަމިއްލަ ވަސީލަތްތަކުގެ އެހީގައި މިކަމުން އަރައިގަނެވޭނެ ކަމަށް އިގުތިސާދާ ބެހޭ ވަޒީރު އަލީ މަދަނީޒާދޭ ވަނީ ވިދާޅުވެފައެވެ
ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަބްދުއްނާސިރު ހިއްމަތީ ވިދާޅުވީ ތެޔޮ އެކްސްޕޯޓް ކުރުން ގާތްގަނޑަކަށް ހުއްޓިފައިވީ ނަމަވެސް، އެމެރިކާއަށް އަތްނުފޯރާ ތަންތަނުގައި ސެންޓްރަލް ބޭންކުގެ ފައިސާ ރައްކާކޮށްފައި ހުރުމުން ޒަރޫރީ މުދާ ގަތުމަށް ބޭނުންވާ ބޭރު ފައިސާގެ ދަތިކަމެއް ނާންނާނެ ކަމަށެވެ.
އީރާނުގެ ޒުވާނުން އިގުތިސާދީ ހަރަކާތްތަކުގައި ބައިވެރިވެ އަމިއްލައަށް ތަކެތި އުފެއްދުމަށް ސެކިއުރިޓީ ޗީފް މުހުސިން ރިޒާއީ ގޮވާލައްވާފައިވާއިރު، 90 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ 90 އިންސައްތަ އެތެރޭގައި އުފެއްދުމަށް ސަރުކާރުން އަމާޒު ހިފާފައިވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ފެނުގެ ދަތިކަން ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.
އިމްޕޯޓް ކުރުމުގެ އަގު ބޮޑުވުމާއި އެހެނިހެން މައްސަލަތަކާ ހުރެ ޖުލައި މަހު ކާބޯތަކެތީގެ އަގު ވަނީ 128 އިންސައްތައަށް އުފުލިފައެވެ. އަދި 1،000 އެއްހާ ބާވަތުގެ ބޭހުގެ ދަތިކަން ކުރިމަތިވެ، ބޭހުގެ އަގުތައް ވެސް ވަރަށް ބޮޑަށް ވަނީ މައްޗަށް ގޮސްފައެވެ.
ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އަދި އުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ، ކަރަންޓު ކެނޑުމާއި ޕެޓްރޯލް ލިބުމުގެ ދަތިކަން ވަނީ ބޮޑުވެފައެވެ. އަދި ކުރިއަށް އޮތް އަހަރު މި ހާލަތު އަވަހަށް ރަނގަޅުވާނެ ކަމަށް އުއްމީދު ނުކުރުމަށް ސަރުކާރުގެ ތަރުޖަމާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



