އާދިއްތަ, October 11
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މަޖިލީހުން ބަލައިގެންފި

ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް، ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ. ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ 57 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާއެކު އިތުރަށް ދިރާސާކުރުމަށް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ. މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން، މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު (20/98) އުވޭނެއެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ އިތުރުން، ވަކި ބޭނުމަކަށް ކަނޑައެޅިފައިނުވާ ރަށްރަށް ވަރުވާއަށް ލިޔެދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމެވެ. ބިލުގައިވާ ގޮތުން ފަޅުރަށްރަށް އެކަށައެޅޭނީ ފަތުރުވެރިކަން، ސިނާއީ، މަސްވެރިކަން، ދަނޑުވެރިކަން، އިގުތިސޯދީ، އިޖުތިމާއީ، ދައުލަތުގެ ބޭނުން، އަދި އެހެން ގާނޫނަކުން ކަނޑައަޅާ ހާއްސަ ބޭނުންތަކަށް ހިމެނޭހެން 9 ބޭނުމަކަށެވެ. މީގެ ތެރެއިން ދަނޑުވެރިކަމާއި އިޖުތިމާއީ ބޭނުން ފިޔަވައި އެހެން ކަންކަމަށް ފަޅުތައްވެސް އެކަށައެޅިދާނެއެވެ.

ފަތުރުވެރިކަމާއި ސިނާއީ ބޭނުން ފިޔަވައި ކައުންސިލްތަކުގެ އިހުތިސާސްގައިވާ ފަޅުރަށްރަށް އެކި ބޭނުންތަކަށް ކަނޑައަޅާނީ އެ ކައުންސިލަކުންނެވެ. ނަމަވެސް، ކައުންސިލްތަކުގެ އިހުތިސާސްގައި ހުރި ރަށްތަކުގެ ތެރެއިން ފަތުރުވެރިކަމަށާއި ސިނާއީ ބޭނުންތަކަށް ރަށްރަށް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ވަކި ބޭނުމަކަށް ކަނޑައެޅިފައިނުވާ ރަށްރަށް ބެލެހެއްޓުމަށްޓަކައި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ވަރުވާއަށް ދޫކުރެވޭނެއެވެ.

ކުއްޔަށް ދޫކުރުމުގެ އުސޫލާއި މުއްދަތު

  • ކުއްޔަށް ދޫކުރެވޭ މުއްދަތު: އާންމުކޮށް ފަޅުރަށެއް ކުއްޔަށް ދެވޭނީ 21 އަހަރަށެވެ. ނަމަވެސް، ގަވާއިދު ހުއްދަކުރާ ނަމަ އެއަށްވުރެ ކުރު މުއްދަތަކަށްވެސް ދޫކުރެވިދާނެއެވެ. މީގެއިތުރުން ކުލީގެ މުއްދަތު ޖުމްލަ 50 އަހަރަށް އިތުރުކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް ލިބެއެވެ.
  • ބައިބަޔަށް ކުއްޔަށް ދިނުން: ރަށެއް އެކުގައި ކުއްޔަށް ދިނުމުގެ ބަދަލުގައި، ރަށުގެ ވަކި ބައެއްވެސް ކުއްޔަށް ދެވިދާނެއެވެ.
  • ފަޅު ކުއްޔަށް ދޫކުރުން: ފަޅު ކުއްޔަށް ދޫކުރެވޭނީ ލާޖް/މީޑިއަމް ސްކޭލް ސިނާއީ މަސައްކަތްތަކަށާއި، 100 މިލިއަން ރުފިޔާއަށްވުރެ ކުޑަނޫން އިންވެސްޓްމަންޓް ހިމެނޭ ލާޖް ސްކޭލް އިގުތިސޯދީ މަސައްކަތްތަކުގެ އިތުރުން އެކުއާކަލްޗާގެ ހަރަކާތްތަކަށެވެ.

ކުލީގެ އަގުތައް (އަކަމީޓަރަކަށް އަހަރަކު)

  • ފަޅުރަށްރަށް: ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް 3 ރުފިޔާ، މަސްވެރިކަމާއި ދަނޑުވެރިކަމަށް 2.50 ރުފިޔާ، އަދި އިޖުތިމާއީ ބޭނުމަށް 2 ރުފިޔާ.
  • ފަޅުތައް: ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް 3 ރުފިޔާ، އަދި މަސްވެރިކަމުގެ ބޭނުމަށް 50 ލާރި.

މި ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތައް 500،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު