ފީޖީގެ ނާދީގައި ބޭއްވި ޕެސިފިކް ޕްރީ-ކޮޕް31 ހައި-ލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ތިމާވެށީގެ ދާއިރާއިން ރާއްޖޭގެ ކަންބޮޑުވުންތަކާއި ވިސްނުން ހިއްސާކޮށްފިއެވެ.
މި ބައްދަލުވުމުގެ "އޯޝަން-ކްލައިމެޓް ނެކްސަސް" ކީނޯޓް ސެޝަންގައި ރާއްޖޭގެ ފަރާތުން ކީނޯޓް ތަޤުރީރު ދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މިމްރާހުއެވެ.
މިމްރާހުގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ދިރިއުޅުމަށާއި، މޫސުމީ ވިލުންވެރިކަމަށްޓަކައި ކަނޑުތަކާއި އައްސޭރިފަށުގެ ދިރުންތަކުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، "ބްލޫ ކްލައިމެޓް އެކްޝަން" ނުވަތަ ކަނޑުތަކާ ގުޅުންހުރި މޫސުމީ މަސައްކަތްތައް ފުޅާކުރުމަށްޓަކައި، ކުދި ޤައުމުތަކަށް ފަސޭހައިން ލިބޭނެ މޫސުމީ މާލީ އެހީތެރިކަމާއި ބައިނަލްއަޤުވާމީ އެއްބާރުލުން ނުހަނު ބޭނުންތެރިކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ތުރުކީގެ އަންތާލިޔާގައި ކުރިއަށްދާން ހަމަޖެހިފައިވާ ކޮޕް31 ސަމިޓުގެ މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރުގެ އަރިހުގައި ރާއްޖޭގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ އާއި، ޑިރެކްޓަރ ޢާއިޝަތު ޢައިލީން ނިޔާޒް އަދި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ރާނިޔާ ޙުސްނުއްސުޢޫދު ހިމެނިވަޑައިގަންނަވައެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް ކޮޕް31 ބައްދަލުވުމަށް ތައްޔާރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.






