އާދިއްތަ, October 11
އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގެ ތަކެތި ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފި

2025 ވަނަ އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ބަލައިގަތުމަށް ކަނޑައަޅާފައިވާ މުއްދަތު، މި އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ހަވާލުކުރުމާ ގުޅޭގޮތުން 28 ސެޕްޓެންބަރު 2026 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން، ތަކެތި ބަލައިގަންނަ މުއްދަތު 15 އޮކްޓޫބަރު 2026 އާ ހަމައަށް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ.

މުއްދަތު އިތުރުކުރި ނަމަވެސް، ވަކި ޚާއްޞަ ބާވަތްތަކެއް ބަލައިގަތުމަށް ވަނީ ވަކި ތާރީޚުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ކާބޯތަކެތީގެ ބާވަތްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ކޭކް ޑެކަރޭޝަންގެ ބައިގައި ހިމެނޭ އުފެއްދުންތައް ބަލައިގަންނާނީ 17 އޮކްޓޫބަރު 2026 ވާ ހޮނިހިރު ދުވަހު ކަމަށް ބީސީސީން މަޢުލޫމާތު ދެއެވެ.

ތަކެތި ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ މި ދުވަސްތަކުގެ ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައެވެ.

ބީސީސީން އިތުރަށް ބުނެފައިވަނީ، ތަކެތި ހަވާލުކުރާއިރު ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރަންޖެހޭ އެންމެހައި މަޢުލޫމާތުތައް ފުރިހަމަކޮށްފައި ހުންނަންވާނެ ކަމަށެވެ. އަދި ބަންދުކުރަންޖެހޭ ފަދަ ތަކެތި ހުންނަންވާނީ ރައްކާތެރިކަމާއެކު ބަންދުކޮށްފައި ކަމަށްވެސް އެ ކޯޕަރޭޝަނުން ހަނދާންކޮށްދެއެވެ.

ވީމާ، މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުތަކުގައި ތަކެތި ހަވާލުކުރުމަށް ބީސީސީން ވަނީ އެދިފައެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ އެ ކޯޕަރޭޝަނުގެ ފޯނު ނަންބަރު 3330601 އާ ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު