ގްރޭޓަރ މާލެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަމާބެހޭ މުހިންމު ފަރާތްތަކާއެކު ޚާއްޞަ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވަރކްޝޮޕެއް މިއަދު ބާއްވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މާލޭގައި ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމަކީ ގްރޭޓަރ މާލެ ސަރަޙައްދުގެ "ޕަވަރ ސިސްޓަމް މާސްޓަރ ޕްލޭން"، ކަރަންޓުގެ އަގު ކަނޑައެޅުމުގެ ސިޔާސަތު ނުވަތަ "ޓެރިފް ސްޓްރެޓެޖީސް" އަދި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމު ނުވަތަ "ގްރީން މޮބިލިޓީ" އަށް ޚާއްޞަކޮށްގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް އިތުބާރުހުރި، އަގުހެޔޮ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، ހަކަތައިގެ ޚިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން މި ދާއިރާގެ ފަންނީ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގެ ކަރަންޓު އުފައްދާ އަދި ފޯރުކޮށްދޭ އިންފްރާސްޓްރަކްޗަރ މިހާރަށްވުރެ ޒަމާނީކޮށް ވަރުގަދަކުރުމުގެ މައްޗަށެވެ. އަދި ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް، ޚާއްޞަކޮށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް، މިހާރު ހުރި ކަރަންޓު ވިއުގައާ ފުރިހަމައަށް ގުޅާލުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އާންމު ރައްޔިތުންގެ ޖީބަށް ލުއިވާނޭ ފަދަ ހެޔޮ އަގެއްގައި މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮށްދެވޭނެ ދުރުރާސްތާ ޕްލޭންތަކެއް އެކުލަވާލުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރެއްވިއެވެ.






