ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު، މައުލޫމާތުގައި ފުށުއެރުންތަކެއް ހުރި ފަރާތްތަކަށް އެކަންކަން އިސްލާހުކުރުމަށް ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ އަންގަން ފަށާފައެވެ.
މިދިޔަ ޖޫން މަހުގެ 15 އާ ހަމައަށް "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ހުށަހެޅި ޖުމްލަ 58،505 ފޯމުގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދުނު 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. މި ފޯމުތަކުގައިވާ މައުލޫމާތުގެ ސައްހަކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ކައުންސިލްތަކުގެ މައުލޫމާތާ އަޅާކިޔައި ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު މައުލޫމާތު ދެއްވި ގޮތުގައި، އިދާރާތަކުގެ މައުލޫމާތާއި ފޯމުގައިވާ މައުލޫމާތު ފުށުއަރާ ނަމަ ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް އެޕްލިކަންޓުންނަށް އެކަން އަންގަމުންދާނެއެވެ. އަދި އެފަދަ ފަރާތްތަކަށް މައުލޫމާތު އިސްލާހުކޮށް ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. މައުލޫމާތު އިސްލާހުކުރެވޭނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ، އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ފޮނުވާ ޖަވާބުތައް ބަލައިނުގަންނާނެއެވެ. ދެވިފައިވާ މުއްދަތުގައި މައްސަލައަށް ޖަވާބުދާރީނުވެއްޖެ ނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ ފޯމެއްގެ ގޮތުގައި ނިންމޭނެއެވެ. މީގެއިތުރުން މި މަރުހަލާގައި ކުރިން ކުރިމަތިލީ ކެޓަގަރީ ބަދަލެއް ނުކުރެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މި ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނާ ހަވާލުކުރުމެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ފިޔަވަހީގައި 15،000 ގޯތި ދޫކުރުމަށް ވަނީ ރޭވިފައެވެ.



