ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަނާ ދެކޮޅަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން، އެމެރިކާގެ އިމިގްރަންޓް ނުވަތަ ދާއިމީ ވިސާއަށް އެދޭ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. ސަރުކާރުން ބުނެފައިވަނީ މި ބަދަލު ގެނެސްފައިވަނީ ތަމްރީނު ޕްރޮގްރާމަކާ ގުޅިގެން ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އެހީތަކަށް ބަރޯސާވެދާނެ މީހުން ދެނެގަތުމަށް އޮފިސަރުންނަށް އެހީތެރިވުމާއި، ވިސާއަށް އެދޭ ފަރާތްތައް ވަޒަންކުރުމުގައި ފުރިހަމަ އަދި އެއްހަމައެއްގައި އެކަން ކުރުން ކަށަވަރުކުރުމެވެ.
އިންޓަވިއު ތާވަލުކުރެވިފައިވާ ފަރާތްތަކަށް އެޕޮއިންޓްމަންޓްތައް ފަސްކުރެވިފައިވާ ކަމަށާއި، އައު ތާރީޚެއް ފަހުން އަންގާނެ ކަމަށް ބުނެ އީމެއިލް ފޮނުވަމުންދާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ވަނީ ރިޕޯޓްކޮށްފައެވެ.
ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަން ހަނިކުރުމަށާއި ގަވާއިދާ ޚިލާފަށް އުޅޭ މީހުން ފޮނުވާލުމަށް ފިޔަވަޅުތައް އަޅަމުންދާއިރު، ސިޔާސީ ޚިޔާލުތަކާއި ފަލަސްތީނަށް ތާއީދުކުރި މުޒާހަރާތަކާ ގުޅުވައިގެން ވިސާތައް ރިޖެކްޓްކުރުމާއި، މަސައްކަތު ވިސާތަކަށް ބޮޑެތި ފީތައް ނެގުން ފަދަ ކަންކަން ވެސް ދަނީ ތަންފީޒު ކުރަމުންނެވެ.
މި ސިޔާސަތުތަކަށް ގާނޫނީ ގޮތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، 75 ގައުމަކުން އިމިގްރަންޓް ވިސާ ދޫކުރުން ހުއްޓުވުމަށް އެކުލަވާލި ސިޔާސަތު ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅައި އެމެރިކާގެ ފަނޑިޔާރަކު ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.



