ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރުމަށްފަހު، އެ ދައުރުގެ ޖަލްސާތައް އެއްކޮށް ނިންމާލައި މަޖިލިސް މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް މި އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ޖެހެއެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުގައްޔާއި ކޮމިޓީތަކުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރުމުގެ ސަބަބުން، ރިޔާސަތުން ހުށަހަޅައިގެން ދައުރުގެ މުއްދަތު ވަނީ ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ. އެގޮތުން އެންމެ ފަހުން މުއްދަތު އިތުރުކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން، މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދައުރުގެ މުއްދަތު އިތުރުކުރަން ހުށަހެޅުއްވި ސަބަބު ބަޔާންކުރައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ދައުރު ދަންމާލަން ނިންމެވީ މި ދައުރުގެ ތެރޭގައި ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުންނާއި، މަޖިލީހުގެ ކޮމިޓީތަކުގައިވެސް ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން އެ މަސައްކަތްތައް ނިންމުމުގެ ބޭނުމުގައި ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބަޔާންކުރާގޮތުން، ކޮންމެ އަހަރަކުވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ދައުރު ފެބުރުވަރީ 1 އިން މެއި 15 އަށް ކުރިއަށްދާއިރު، ދެވަނަ ދައުރު ކުރިއަށްދަނީ ޖޫން 1 އިން އޮގަސްޓު 15 ގެ ނިޔަލަށެވެ. އަދި އަހަރުގެ ފަހު ދައުރު ނުވަތަ ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޫބަރު 1 އިން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ގަވާއިދުގައި މިހެން އޮތް ނަމަވެސް، މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރެއްޖެ ހާލަތެއްގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ދައުރުގެ މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރު މަޖިލީހަށް ލިބިގެންވެއެވެ.
މިއަހަރުގެ ފުރަތަމަ ދައުރު ނިމުނުއިރުވެސް މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުގެ ސަބަބުން ޖަލްސާތައް ދަންމާލައި، ދެވަނަ ދައުރުގެ މަސައްކަތްތައް ފަށާފައިވަނީ މަޖިލިސް ޗުއްޓީއަށް ނުގޮހެވެ.
މިހާރު ދެވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވާއިރު، ގަވާއިދުގައިވާ ގޮތުގެ މަތިން މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.



