އާދިއްތަ, October 11
އެލްޖީއޭގެ ބޯޑަށް އާރިފް އަދި އާރިފާ ޢައްޔަންކުރަން ފާސްކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެލްޖީއޭގެ ބޯޑަށް މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން ދެ ދާއިރާއަކަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ، ޢާއިޝަތު އަރީފާގެ ނަމާއި، ށ. ކަނޑިތީމު، ރަތްވިލާގެ، މުޙައްމަދު އާރިފްގެ ނަމެވެ. މީގެ ތެރެއިން ޢާއިޝަތު އަރީފާގެ ނަންފުޅު ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރެއްގެ ގޮތުގައެވެ. އަދި މުޙައްމަދު އާރިފްގެ ނަންފުޅު ފޮނުއްވާފައިވަނީ ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރެއްގެ ގޮތުގައެވެ.

މި ދެ މަޤާމަށް ބޭފުޅުން އައްޔަންކުރަން ނިންމެވީ އެލްޖީއޭގެ ބޯޑުގައި ހިމެނޭ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަޤާމުތަކަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ. މި ނަންތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މި ދެ ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު، ދެ ބޭފުޅުންނަށް ވެސް އެވްރެޖްކޮށް %75 އަށް ވުރެ މަތިން މާކްސް ލިބިފައިވާތީ، ރުހުން ދިނުމަށް ނިންމައި ތަޅުމަށް ފޮނުވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި ހުށަހެޅުއްވުމަކަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ވަކިވަކިން ވޯޓަށް އަހާފައިވެއެވެ. އެގޮތުން، ގަވަރނަންސް ދާއިރާއިން މުޙައްމަދު އާރިފް އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. އަދި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ޢާއިޝަތު އަރީފާ އައްޔަންކުރުމަށް ފާސްވީ 48 މެންބަރުންގެ ވޯޓުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު