އާދިއްތަ, October 11
ސައުތު ޗައިނާ ސީގައި ޗައިނާއިން އައު އިމާރާތްތަކެއް ހަދަން ފަށައިފި

ހިޔާލުތަފާތުވުން ބޮޑު ސައުތު ޗައިނާ ސީގެ ޕެރަސެލްސް ޖަޒީރާގެ ކުޑަ ރަށެއްގައި އައު އިމާރާތްތަކެއް ހަދަމުންދާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެނިފައިވާ ކަމަށާއި، މިއީ ޗައިނާގެ ބޮޑު އަސްކަރީ މަރުކަޒެއް ކަމަށް މުހައްލިލުން ބުނެފިއެވެ. ސަލާމަތީ ދިރާސާވެރިން ލަފާކުރާ ގޮތުގައި ޔަގޮންގް އައިލެންޑްގައި ތިން ބަޔަކަށް ބަހާލައިގެން ހަދަމުންދާ މި އިމާރާތްތަކަކީ އިންޒާރުދޭ ރާޑަރު ނިޒާމެއް ބެހެއްޓުމުގެ ފެށުމެކެވެ. ސެޓެލައިޓް ފޮޓޯ ފޯރުކޮށްދޭ ވެންޓޯ ކުންފުނިން ހާމަކުރި ގޮތުގައި މާޗް އަދި އޭޕްރީލް މަހު ފެށި މި މަސައްކަތުގެ އެންމެ ފަހުގެ ފޮޓޯތައް ނަގާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ވެންޓޯގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޔަގޮންގް ރީފްގައި ހުރި ބައެއް އޮނިގަނޑުތަކަކީ އަސްކަރީ ރާޑަރު ނުވަތަ އިންޒާރުދޭ ނިޒާމުތަކަކާ އެއްގޮތް ތަންތަނެވެ. އަދި މިއީ ކައިރީގައިވާ އެންޓެލޯޕް ރީފްގެ އަސްކަރީ ބޭނުންތަކާ ގުޅިފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، އެންޓެލޯޕް ރީފްގައި ހަދަމުންދާ 6 ކިލޯމީޓަރުގެ އާޓިފިޝަލް އައިލެންޑްގެ 3 ކިލޯމީޓަރަށް ވުރެ ދިގު ސަރަހައްދަކީ ރަންވޭއެއްގެ ގޮތުގައި ބޭނުންކުރަން ތައްޔާރުކުރާ ތަނެއް ކަމަށް ވެސް ވަނީ ލަފާކުރެވިފައެވެ.

ސައުތު ޗައިނާ ސީގައި މިފަދަ އަސްކަރީ ތަންތަން ބިނާކުރުމަކީ ވިޔަފާރީގެ މުހިންމު ކަނޑުގެ ސަރަހައްދުގެ މައްޗަށް ޗައިނާގެ އަސްކަރީ ނުފޫޒު އިތުރަށް ވަރުގަދަވެ، ކުރިމަގުގައި ޓައިވާނާ ދެމެދު ހިނގައިދާނެ ހަމަނުޖެހުމެއްގައި ވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

އައު އަސްކަރީ މަރުކަޒެއް އަޅާ ކަމަށް ޗައިނާއިން އެއްބަސްނުވާ އިރު، އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ބުނަނީ މި ތަން ބޭނުންކުރާނީ މޫސުމާ ބެހޭ ކަންކަމަށާއި މަސްވެރިކަން ހިމާޔަތްކުރުމުގެ އިތުރުން ސައިންޓިފިކް ދިރާސާތަކަށް ކަމަށެވެ. އަދި މި މައްސަލައިގައި ޗައިނާއާއި ވިއެޓްނާމްގެ ކަމާބެހޭ ވުޒާރާތަކުން ވަގުތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު