އެމެރިކާއިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސީރިއަން އަރަބް ރިޕަބްލިކް އުނިކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުރިއެރުމާ ގުޅިގެން ސީރިއާ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުންނަށް ސުލްޙައާއި ހަމަޖެހުމާއި ފާގަތިކަމަށް އެދި ދިވެހިރާއްޖެއިން ހެޔޮއެދުންތައް ފޮނުވާފައިވެއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ނިންމުމުގެ ސަބަބުން ސީރިއާ އަލުން އާރާސްތުކުރުމަށާއި، ޤައުމު އިޔާދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ސީރިއާގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެ، އިޤްތިޞާދީ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
މީގެއިތުރުން، ސީރިއާގެ އިސްތިޤްލާލާއި މިނިވަންކަމާއި ސަރަޙައްދީ ނަޒާހަތްތެރިކަމަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ. އަދި ސީރިއާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ސީރިއާގެ ރައްޔިތުންގެ ބައިވެރިވުމާއި އިސްނެގުމާއެކު ކުރިއަށްގެންދާ، އެންމެންގެ ބައިވެރިވުން ހިމެނޭ ސުލްޙަވެރި ޙައްލަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



