އިސްލާމީ އުސޫލުތަކަށް ބަލާއިރު ވޯޓަކީ މީހެއްގެ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދެވޭ ހެކިބަހެއް ކަމަށާއި، އެހެންކަމުން ވޯޓު ދިނުމުގައި އަމާނާތްތެރިވާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން ގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ. ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވީ، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ބަޔަކަށްވާއިރު، ވޯޓު ދިނުމުގެ އަމާނާތް އަދާކުރަންވާނީ މާތްﷲ އަށް ބިރުވެތިވެ އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި ދެވޭ ކޮންމެ ވޯޓަކީ ޤައުމުގެ ތަރައްގީއަށާއި، ގާނޫނީ ހަމަހަމަކަމަށް އަދި ދައުލަތުގެ މުއައްސަސާތަކުގެ ހަމަޖެހުމަށް ސީދާގޮތުންނާއި ނުސީދާގޮތުން އަސަރުކުރާނެ މުހިންމު ނިންމުމެކެވެ.
ކޮންމެ އަހަރެއްގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ވޯޓުލާ މީހުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ވޯޓަކީ ހައްގެއް އަދި ޒިންމާއެއް" މިއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ޑިމޮކްރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، އިންތިޚާބީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުކޮށް ވޯޓުލުމުގެ މުހިންމުކަމާއި އިންތިޚާބުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.



