އާދިއްތަ, October 11
މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ޗައިނާއިން ގޮވާލައިފި

މެދުއިރުމައްޗާއި ގަލްފް ސަރަޙައްދުގެ މަސްރަޙު އަނެއްކާވެސް ނާޒުކު ފައްތަރަކަށް ގޮސްފައިވާތީ، މި މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ ގޮވާލައްވާފައެވެ.

ވަންގް ޔީ މިކަމަށް ގޮވާލެއްވީ ބެއިޖިންގްގައި ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާޙް ޖާބިރު އަލްއަޙްމަދު އަލްޞަބާޙްއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ތަކުރާރުވަމުން އަންނަ ހަމަނުޖެހުންތައް ހުއްޓުވައި، މި ވަގުތު މަސްރަޙު ފިނިކުރުމަށް އިސްކަންދިނުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ގޮވާލައްވާފައިވާއިރު، ކުވައިތާ ގުޅިގެން ސަރަޙައްދުގެ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި ޗައިނާ ދެމިއޮންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ، އީރާނާއެކު ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް ބޮޑު މާލީ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އިޤްތިޞާދީ ހަނގުރާމަ ކުރިއަށްދާނަމަ ގަލްފުގެ ހުރިހާ ތެޔޮ އެކްސްޕޯޓެއް ހުއްޓުވާނެ ކަމަށާއި، ހުއްދަނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުނުކުރުމަށް އީރާނުން ވެސް ވަނީ އިންޒާރު ދީފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު