އާދިއްތަ, October 11
މުމްބާއީގެ ފުޑް ސޭފްޓީ އޮޕަރޭޝަންތަކުން ބޮޑު ސިހުމެއް

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ކުޑަވުމާއި ރައްކާތެރި ނޫން ކާބޯތަކެތި ވިއްކުމާ ދެކޮޅަށް، މަހާރާޝްތުރާގެ ސްޓޭޓް ފުޑް ސޭފްޓީ ކޮމިޝަނަރު ތުކާރާމް މުންދޭ ފެއްޓެވި ވަރުގަދަ އޮޕަރޭޝަނާ އެކު މުޅި ގައުމުގެ ސަމާލުކަން އޭނާއަށް ވަނީ ހުއްޓިފައެވެ. މެއި މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އޭނާ ވަނީ 3،000 އަށް ވުރެ ގިނަ ރެއިޑް ހިންގަވައި، ގަވާއިދާ ޚިލާފުވި ގިނަ ތަންތަނަކަށް ހަރުކަށި ފިޔަވަޅުތައް އަޅުއްވާފައެވެ.

މުމްބާއީގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ޑޮމިނޯސް، ޕިއްޒާ ހަޓް އަދި މެކްޑޮނަލްޑްސް ފަދަ މަޝްހޫރު އައުޓްލެޓްތަކުގެ ފުޑް ޕާމިޓްތައް ވަނީ ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން މަޝްހޫރު ކްރިކެޓް ކްލަބްތަކާއި، ޒަމާންވީ އައިސްކްރީމް ޕާލާތަކާއި ޑެއިރީތަކުގެ އިތުރުން، ލައިސަންސް ނެތި ހިންގަމުންދިޔަ ކޯޓުތަކުގެ ކެންޓީނުތައް ވެސް ބަލައި ފާސްކޮށް ވަނީ ބަންދުކޮށްފައެވެ.

މުމްބާއީގެ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފުތާހިރުކަން ކުޑަ މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލްވަމުންދާއިރު، މި ފިޔަވަޅުތަކުގެ ސަބަބުން މަގުމަތީގެ ވިޔަފާރިވެރިން ވެސް ދަނީ ނޫސްކަރުދާހުގެ ބަދަލުގައި ބަޓަރ ޕޭޕަރު ބޭނުންކުރުން ފަދަ ސާފުތާހިރު އާ އުސޫލުތަކަށް އަމަލުކުރަން ފަށަމުންނެވެ.

އައިއޭއެސްގެ ތަޖުރިބާކާރު އޮފިސަރު މުންދޭގެ މި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ބައެއް ވިޔަފާރިވެރިން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އާންމުންގެ ބޮޑު ތާއީދަކާއެކު އޭނާ ވިދާޅުވަނީ މިއީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ކަމެއް ކަމަށާއި ފިޔަވަޅު އެޅުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު