އާދިއްތަ, October 11
އެމެރިކާއިން ސީރިއާ "ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ" ލިސްޓުން އުނިކޮށްފި

ކޮންގްރެސްގެ 45 ދުވަހުގެ މުރާޖަޢާގެ މުއްދަތު ހަމަވުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން އެމެރިކާގެ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސީރިއާ ވަނީ ރަސްމީކޮށް އުނިކޮށްފައެވެ.

ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރާޢު މި ނިންމުމަށް މަރުޙަބާ ވިދާޅުވެ ރައީސް ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައިވާއިރު، 14 އަހަރުވީ ދާޚިލީ ހަނގުރާމައަށްފަހު ގައުމު އަލުން އާރާސްތުކުރުމަށް މިކަމުގެ ސަބަބުން ބޮޑު ބާރަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ފިޔަވަޅަކީ ސީރިއާ ބައިނަލްއަގުވާމީ ޓެރަރިޒަމްގެ އަމަލުތަކާ މުޅިން ދުރުހެލިކުރުމަށް އަލް-ޝަރާޢު އަޅުއްވާފައިވާ ހެޔޮ ފިޔަވަޅުތަކާއި ވެވަޑައިގެންފައިވާ އިތުރު ވަޢުދުތައް ބަލައިގަތުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. މީގެއިތުރުން، ކުރިން އަލް-ޝަރާޢު އިސްވެހުރި ޖަމާއަތް ކަމަށްވާ ހަޔާތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އޮތުންވެސް މިހާރު ވަނީ ބާތިލުކޮށްފައެވެ.

1979 އިން ފެށިގެން އެމެރިކާގެ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމުގެ ސަބަބުން ބޭރުގެ އެހީތަކަށާއި، ވިޔަފާރިއަށާއި މާލީ މުއާމަލާތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ލިސްޓުން ސީރިއާ އުނިކުރުމަކީ ބައިނަލްއަގުވާމީ މާލީ އަދި އިގްތިސާދީ ނިޒާމާ އެގައުމު ގުޅުވައިދީ، އިންވެސްޓްމަންޓްތައް އިތުރުކޮށް ހަމަޖެހުން ގާއިމުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް އެމެރިކާއާއި ސީރިއާގެ ކަމާބެހޭ އިދާރާތަކުން ފާހަގަކޮށްފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު