އާދިއްތަ, October 11
ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އދ. ގެ 16 އިދާރާއަކުން އެހީވާން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އދ. އާއެކު ވެވޭ އެންމެ މަތީ ފަންތީގެ އިސްތިރާޖީ އޮނިގަނޑު ކަމަށްވާ "ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް" (2027-2031) އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އދ. އާ ދެމެދު ރަސްމީކޮށް ސޮއިކޮށްފިއެވެ. ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޮއިކުރެއްވިއިރު، އދ. ގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގްއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި މި މަގުޗާޓަކީ ސަރުކާރުގެ މުއައްސަސާތަކާއި، އދ. ގެ އޭޖެންސީތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި އަމިއްލަ ވިޔަފާރިތައް ޝާމިލުކޮށްގެން ހެދި ފުޅާ މަޝްވަރާތަކަށްފަހު އެކުލަވާލި އޮނިގަނޑެކެވެ. މިއެއްބަސްވުމުގެ ދަށުން އދ. ގެ 16 އިދާރާއަކުން ރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމެއް ނަމަވެސް، އިންސާނީ ވަސީލަތާއި އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އަދި 2031 ގައި މާޒީއަށް ބަލާއިރު ދިވެހިންނަށް ލިބޭ ކުރިއެރުމަކީ އެންމެން އެއް އަމާޒަކަށް ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އދ. ގެ މަންދޫބު ހާއޯ ޖަންގް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި އދ. ގެ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށް ސޮއިކުރެވުނު މި އޮނިގަނޑުގައި މައިގަނޑު ތިން ދާއިރާއަކަށް އިސްކަންދީފައިވެއެވެ. އެއީ އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަން އިތުރުކުރުމުގެ އިތުރުން ހިންގުންތެރިކަން ހަރުދަނާކުރުމެވެ. މި އެއްބަސްވުމަކީ އިންސާނީ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމުގެ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް 2030 ގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާ ހާސިލުކުރުމަށް އެކުލަވާލި މުހިންމު ފިޔަވަޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު