އާދިއްތަ, October 11
އެމްއޭސީއެލް އާއި ވިލާ ހައި ސްކޫލް ގުޅިގެން އިންޓާންޝިޕް ޕްރޮގްރާމެއް ފަށަނީ

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އާއެކު ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ސޮއިކުރެއްވިއިރު، ވީއައިއެޗްއެސްގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް ޢަލީ މުޞްޠަފާއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި، ސީނިއަރ ޖެނެރަލް މެނޭޖަރ ޢަލީ ޙުޒައިމްގެ އިތުރުން ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކްލާސްރޫމުގައި އުނގަނނައިދޭ އިލްމީ ބައިތައް އަމަލީ މާހައުލުގައި ބޭނުންކުރަން ދަސްކޮށްދީ، ދަރިވަރުން ވަޒީފާގެ މައިދާނަށް އަހުލުވެރިކުރުވުމެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން ދަރިވަރުންނަށް ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް ވިދާޅުވި ގޮތުގައި، މިއީ ކުންފުނީގެ "އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް" ސިޔާސަތުގެ ދަށުން ވައިގެ ދަތުރުފަތުރާ ގުޅޭ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހުޅުވާލެވުނު އަގުހުރި ފުރުސަތެކެވެ. މީގެ އިތުރުން، މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް މެންޓަރޝިޕާއި ކެރިއަރ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، މުއާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި މައްސަލަތައް ހައްލުކުރުމުގެ މުހިންމު ހުނަރުތައް ދަސްވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު