ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއުގެ 62 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ތެރެއިން މިހާތަނަށް 716 ހެކްޓަރު ވަނީ ހިއްކާ ނިންމާފައެވެ. މިއާއެކު، މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށްވުރެ 107 ހެކްޓަރު ބޮޑުވެ، ރަސްމާލެ މިހާރު ވެފައިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށެވެ.
މި ސަރުކާރުގެ ހައުސިން ސްކީމުގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ގޯއްޗަށް އެދުނު މީހުންގެ ފޯމުތައް އިވެލުއޭޓްކޮށް ނިމޭއިރަށް ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމޭނެއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު މިދިޔަ ޖޫން 15 ގައި ހަމަވިއިރު، "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމު ހިމެނެއެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ފޯމުތައް ދިރާސާކުރުމަށްފަހު ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އާންމުކުރާނެއެވެ.



