އާދިއްތަ, October 11
ޑޮލަރު މާރުކުރަންވާނީ ހުއްދަ އޮތް ތަންތަނުން އެމްއެމްއޭގެ ރޭޓުގައި: ވަޒީރު އިޙްސާން

ބޭރު ފައިސާ މާރުކުރާނަމަ ހުއްދަ ލިބިފައިވާ ތަންތަނުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރޭޓުގައި މާރުކުރުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ހުއްދަ ނުނަގައި އަދި އެއްވެސް ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން ފައިސާ މާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަމުންދާ މި މައްސަލައިގައި މިހާތަނަށް 7 ތަނެއް ބަލައި، މަޢުލޫމާތު އެއްކޮށްފައިވާ ކަމަށާއި އިތުރު ތަންތަންވެސް ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ހުއްދަ ނުނަގައި ރާއްޖޭގައި ޑޮލަރު މާރުކުރުމަކީ ޖިނާޢީ ކުށެކެވެ. އަދި ވަރަށް ގިނަ މީހުންނަށް މިއީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވިގެން މިކަން ކުރެވިފައި އޮވެދާނެ ކަމަށާއި، އޭގެ ތެރޭގައި ވަކިވަކި ފަރުދުންވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެނގިގެންނާއި ނޭނގި ތިބެ ނަމަވެސް ޖިނާޢީ މިފަދަ ބޮޑެތި ކުށްތަކަށް އަރައިނުގަތުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

"އެ ރޭޓުގައި އެއަށްވުރެ ބޮޑަށް އެކަންކުރާނަމަ ތިބޭފުޅުންވެސް ދަންނަވާ އެ އެކްސްޗޭންޖްތަކަށް، ތިބޭފުޅުންނަށް ދެއްވާފައި އޮންނަ ހުއްދައާއި ރާއްޖޭގައި ހެދިފައި އޮންނަ ޤާނޫނުތަކާ ޚިލާފަށޭ ތިކަން ތި ކުރައްވަނީ. އެކަން އެހެން ނުކުރެވޭނެއޭ. އަޅުގަނޑު އެދެނީ އެނގިގެންވިޔަސް އަދި ނޭނގި ތިބެވެސް ޖިނާޢީ މިފަދަ ބޮޑެތި ކުށްތަކަށް އަރައިގެން ނުދިއުން،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މި މައްސަލައިގެ ތެރޭގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ސިޔާސީ ދާއިރާގައި އުޅޭ ބައެއް ފަރާތްތައްވެސް ޝާމިލުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެއް ރިސޯޓް ޗެއިނަކުން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 4 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު