ކުޑަކުދިންގެ އޮރިޔާން ކާޑުގެ މައްސަލައެއްގައި ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާތައް މުރާޖަޢާކުރުމަށްފަހު، އެ ދަޢުވާތައް ކުރިއަށް ނުގެންގޮސް އަނބުރާ ގެނެސްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އާދަމް ޢަދްލާން ލަޠީފްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަޙުޤީޤު ނިންމައި ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މައްސަލަ ހުށަހަޅާފައިވަނީ 5 މޭ 2026 ގައެވެ. ނަމަވެސް، މައްސަލައިގެ ލިޔުންތައް ދިރާސާކުރިއިރު ދަޢުވާކުރެވޭ މިންވަރަށް ހެކި ޤަރީނާ ނެތުމުން، ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލިއެވެ.
އެހެންނަމަވެސް، ޕީޖީގެ އެ ނިންމުން މުރާޖަޢާކޮށްދިނުމަށް ފުލުހުން އެދުމާ ގުޅިގެން، އެ މުރާޖަޢާ ކުރުމުގެ މަރުޙަލާގައި ޤާނޫނުގައި ދަޢުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެ، ފަހުން ދަޢުވާކުރުމުގެ ފުރުޞަތު ބަންދުވެދާނެތީ، 19 މޭ 2026 ގައި އޭނާގެ މައްޗަށް ދެ ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
އެ ދުވަހު ކޯޓަށް ހުށަހެޅި ދެ ދަޢުވާއަކީ:
- ޤާނޫނުލްޢުޤޫބާތުގެ 246 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ކޮމްޕިއުޓަރ ސިސްޓަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދަޢުވާ.
- ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ ދަށުން، އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާ.
ޕީޖީ އޮފީހުން ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ދަޢުވާތައް އިތުރަށް މުރާޖަޢާކުރުމުން އެ ދަޢުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި މިހާރު ކޯޓުން އަނބުރާ ގެނެސްފައިވާ ކަމަށެވެ. އެގޮތަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އޭނާގެ މައްޗަށް ކުރެވުނު މައިގަނޑު ތުހުމަތު ކަމަށްވާ ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކައި ވިޔަފާރިކުރުމާއި، އެހެން މީހަކަށް ފޮނުވުމާއި ނުވަތަ އެފަދަ ނެޓްވޯކަކާ ގުޅުން އޮތްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ލިބިފައި ނުވުން ހިމެނެއެވެ.
މީގެއިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޑިޖިޓަލް ޑިވައިސްތަކަށް އޭނާ ޒިންމާކުރުވޭނެ ހެކި ނެތުމާއި، އޭނާއާ ގުޅުވައިލެވޭ ޑިވައިސްތަކުން ފެނުނު ތަކެއްޗަކީ ކުޑަކުދިންގެ އޮރިޔާންކާޑުކަން ސާބިތުކޮށްދެވޭ މިންވަރަށް ހެކި ނެތުމުން، ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދަޢުވާ ކުރިއަށް ގެންދެވެން ނެތް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ހަމައެއާއެކު، އޭނާގެ މައްޗަށް ކުރިއަށްގެންދެވެން އޮތް ހަމައެކަނި ދަޢުވާއަކީ އާދައިގެ އޮރިޔާންކާޑު ގެންގުޅުމުގެ ދަޢުވާ ކަމަށްވާއިރު، އެ ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް، އަދި އެންމެ ކުޑަ އަދަބަކީ 9 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް، ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި މިހާރުވެސް 28 ދުވަސް ހޭދަކޮށްފައިވާތީ، ދަޢުވާ ސާބިތުވި ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޛުކުރާނެ އަދަބެއް ނޯންނާނެތީ، އެ ދަޢުވާ އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތެއް ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމެވިއެވެ.



